މިއަދު ހެނދުނުއްސުރެ ރަޝިޔާއިން ޔުކްރެއިންގެ މުހިންމު ހަކަތައިގެ ވަސީލަތްތަކަށް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާއާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޔުކްރެއިންގެ ސަރުކާރުން ވަނީ އެ ޤައުމެއްގެ 6 ސަރަޙައްދަކުން ކަރަންޓު ކަނޑާލާފައެވެ. ރައްޔިތުން ތިބީ ބިރުން ފުރާނަ ސަލާމަތްވުމަށްޓަކައި ބިމު އަޑީގައިވާ ޓަނަލް ތަކުގައެވެ.
ޔުކްރެއިންގެ އެނަރޖީ މިނިސްޓަރ ޖަރމަން ގަލުޝެންކޯ ވިދާޅުވީ މިއީ އިތުރު ގެއްލުން ކުޑަކުރުމަށާއި އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅާ "ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް" ކަމަށެވެ. މީގެ ކުރިން ޔުކްރެއިންގެ އެއަރ ފޯސްއިން ވަނީ ޔުކްރޭނުގެ އެކި ތަންތަނުގައި މިސައިލް އިންޒާރުގެ އެލާމް ވެސް ތ6އަޅާފައެވެ.
މި ހަމަލާއަކީ ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތައް ހަލާކުކޮށް، ޚާއްޞަކޮށް މި ފިނިމޫސުމުގައި ޔުކްރޭނުގެ ބާރު ކަނޑުވާލުމަށް ރަޝިޔާއިން ގެންގުޅޭ ސްޓްރެޓެޖީގެ ބައެކެވެ. މި ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ ރައްޔިތުންނަށްް ކަރަންޓު ނުލިބުމާއި އާންމު ދިރިއުޅުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޔުކްރެއިންގެ އިސްވެރިން ވަނީ ރައްޔިތުންނަށް އިންޒާރުތަކަށް ސަމާލުވެ، ރައްކާތެރި ތަންތަނުގައި ތިބުމަށް އިލްތިމާސްކޮށްފައެވެ. ގެއްލުން ލިބުނު ވަސީލަތްތައް މަރާމާތުކޮށް ކަރަންޓު އަލުން ގުޅުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، ހަމަލާތައް ހުއްޓާލުމަށާއި އާންމު ރައްޔިތުންގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ގޮވާލާފައިވެއެވެ.









