ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން މަސައްކަތްކޮށް، ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދިން ށ. ބިލެތްފަހި އަށް ނިސްބަތްވާ މިހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް (37އ) އެވެ. އޭނާ ހައްޔަރުކުރީ ރޭ 9:43 ގައި ހުޅުމާލެ ދެވަނަ ފިޔަވަހި ރީތިގަސް މަގު ބްރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން، ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ވައްކަންކުރަން އުޅުނު މީހާ ސްޓެލްކޯގެ މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހައި މާރާމާރީ ހިންގާފައިވެއެވެ. އަދި މުވައްޒަފުގެ ބޮލުގައި ޖެހުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމަކުން ނުވަތަ މަރުވުމުގެ ނުރައްކަލުން އެ މުވައްޒަފު ސަލާމަތްވީ ކިރިޔާކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ހާދިސާގައި ސްޓެލްކޯގެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގު އެ ކުންފުނިން ވަޒަންކުރާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. މި މައްސަލަ ދަނީ ފުލުހުން ތަޙުޤީޤުކުރަމުންނެވެ.









