ރާއްޖެއިން މި އަހަރު އުމްރާގެ ހުއްދަ ދިން ކުންފުންޏަކުން މީހުން އުމްރާއަށް ނުގެން ގޮސް، އޮޅުވާލައިގެން އެމްއެމްއޭ އިން ޑޮލަރު ގަތް މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދަން ހުއްދަ ދިން ކުންފުންޏަކުން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ.
އުމްރާއަށް ފުރާ މީހުންނަށް ވެސް ޑޮލަރު ދޫކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުންނެވެ. އެ ކުންފުނިން ޑޮލަރު ނެގީ ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ތުހުމަތު ކުރެ އެވެ.
އެ މައްސަލަ އިތުރަށް ބަލައި، އެކަން ސާބިތު ވެއްޖެ ނަމަ، އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައި އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ވެސް ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލުނުކުރި 19 ކުންފުންޏެއް 5,000ރ. އިން ޖޫރިމަނާކުރަން ވެސް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ނިންމައިފަ އެވެ.
އުމްރާ އުސޫލާ ހިލާފުވި ގިނަ ކުންފުނިތަކަކަށް މިނިސްޓްރީން ފިޔަވަޅު އެޅީ، މިދިޔަ މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސްގެ ފަރާތުން ބަޔަކު ގެންގޮސް ހާލުގައި ޖެއްސުވި މައްސަލަ ފެންމަތިވުމުންނެވެ. އުމްރާވެރިން ކުންފުންޏަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާ އިން ދެކޮޅު ޓިކެޓް ހަމަޖައްސައިނުދެ އެވެ. އަދި، އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.
އެ މައްސަލައިގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވެ އެވެ. އަދި އެ ކުންފުނިން ހާލުގައި ޖެއްސުވި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަން ޖެހުނު ހަރަދު އަނބުރާ ހޯދަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.









