ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އަމަލުނުކުރި 19 ކުންފުންޏެއް 5,000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައި ވާތީ، އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކޮން ކުންފުނިތަކެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ.
ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދިފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި އުމްރާއަށް ނުދާ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ބަލައި އެކަން ސާބިތުވެއްޖެ ނަމަ، އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް، ހުއްދަ ހިފަހައްޓާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޑޮލަރު ދޫކުރަނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްތައް ހުށަހެޅުމުން ކަމަށާއި އެހެންވެ، ފޭކު ޑޮކިއުމެންޓް ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޕޮލިހަށް ހުށަހަޅާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރަން ގެޒެޓްކޮށްފައިވާ އުސޫލަށް އަމަލުނުކުރާ ހުރިހާ ކުންފުންޏަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އުމްރާ އުސޫލާ ހިލާފުވި ގިނަ ކުންފުނިތަކަކަށް މިނިސްޓްރީން ފިޔަވަޅު އެޅީ، މިދިޔަ މަހުގެ އުމްރާއަށް އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސްގެ ފަރާތުން ބަޔަކު ގެންގޮސް ހާލުގައި ޖެއްސުވި މައްސަލަ ފެންމަތިވުމުންނެވެ. އުމްރާވެރިން ކުންފުންޏަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާ އިން ދެކޮޅު ޓިކެޓް ހަމަޖައްސައިނުދެ އެވެ. އަދި، އެ ފައިސާ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ އެއްބަސްވެފަ އެވެ.
އެ މައްސަލައިގައި މިނިސްޓްރީން ވަނީ ހިޖްރަ ގްރޫޕް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލުކޮށްފަ އެވެ. އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފައިވެ އެވެ. އަދި އެ ކުންފުނިން ހާލުގައި ޖެއްސުވި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަން ޖެހުނު ހަރަދު އަނބުރާ ހޯދަން ވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.









