ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަހްމަދު ޝައުބާން ލަތީފް (26އ) އެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަންގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ޝައުބާންއާ ގުޅުންހުރި ކަމަށް ބެލެވޭ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1058.31 ގްރާމު ހުރި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޝައުބާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.









