ދަ ޑިމޮކްރެޓްސް ޕާޓީގެ ވަގުތީ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން ރޭ އިންތިޚާބު ކޮށްފިއެވެ. މި އިންތިޚާބު ކުރިއަށް ގެންދިޔައީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ.
ފިރުޝާންއާ ވާދަކުރެއްވި އަނެއް ކެންޑިޑޭޓަކީ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާނެވެ. ނެޝަނަލް އެސެމްބްލީގެ 130 މެންބަރުންގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެ ވޯޓުލީ 44 މެންބަރުންނެވެ. އޭގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވާފައިވަނީ ފިރުޝާންއަށެވެ.
ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.
އަދި ނައިބު ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ މުހައްމަދު ޝިފާޒު އެމްޑީޕީއާއި ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.
މި ދެ މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްއިން ވަނީ ޕާޓީ ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމަކާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ ދަށުން އުފެދުނު ޕާޓީއެކެވެ.






