ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގުމަކާއި ނުލައި އޭނާގެ ޕާޓީ ބަދަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެއެވެ. ނަމަވެސް، މި މައްސަލައިގެ ފަހަތުގައި އޮތީ އެމްޑީޕީ ކަމަށް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ.
އެމްޑީޕީގެ ތާރީޚަށް ބަލާއިރު، މީހުންނަށް ނޭނގި އެ ޕާޓީއަށް މީހުން ވައްދާފައިވާކަމަށް ވެއެވެ. އެހެންކަމުން. މިފަހަރުވެސް އެފަދަ ކަމެއް ކޮށް، އޭގެ ބަދުނާމު ޕީއެންސީއަށް އަޅުވަން އެމްޑީޕީން މަސައްކަތް ކުރަމުންދާކަމަށް ބެލެވެއެވެ. ފިއްޓޭގެ ކެމްޕޭން މެނޭޖަރާއި އެހެން ގިނަ ބަޔަކު ހިމެނޭގޮތަށް ވައިކަރަދޫން 50 އެއްހާ މީހުންގެ ފޯމު އެއްފަހަރާ ހުށަހަޅާފައިވާއިރު، ވެރިކަން ކުރާ ޕާޓީއަކުން މިފަދަ ކަމެއް ނުކުރާނެކަމަށް ބެލެވެއެވެ. ޚުދު އެމްޑީޕީ މިއަދު ވެރިކަމުގައި އޮތަސް މަޖިލިސް މެންބަރަކަށް ނޭނގި އެ މެންބަރެއް ގޮނޑި އަމުދުން ގެއްލިދާނެ ޙާލަތުގައި ވަގަށް ޕާޓީއަކަށް ނުވައްދާނެއެވެ. ކަމުގެ ބޮޑުމިނާއި ސީރިއަސް ކަމުގެ ސަބަބުންނެވެ.
މިއަދުގެ ޙާލަތަކީ، އެމްޑީޕީ އޮތީ އިދިކޮޅުގައެވެ. އެމްޑީޕީން ބޭނުންވަނީ މިސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ލޯބި ކުޑަކޮށްލުމެވެ. އެހެންވެ، އެމްޑީޕީން ބަލަމުން ދަނީ ކިރިޔާވެސް ކަމެއް ފެނޭތޯއެވެ. މިސަރުކާރު ބަދުނާމުވާ ކަހަލަ ކަމެއް ނުފެނުމުން އެމްޑީޕީން ރާވަމުން ދަނީ ހަލަބޮލި ކުރާށެވެ. ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އެމްޑީޕީއަށް ގެނައުމުގެ ފަހަތުގައި ވަނީ ވެސް މިފަދަ ސަބަބު ތަކެވެ. ގައުމު ހަލަބޮލި ކުރުމެވެ. ފިއްޓޭއަށް ވަގަށް އޭނާގެ ނަމުގައި ފޯމު ހުށަހެޅީ އެމްޑީޕީން ކަމަށް ބެލެވެނީ ވެސް މިފަދަ ކަންތައްތައް މިދެންނެވި މަގުން ހިނގާތީއެވެ.

އެމްޑީޕީން ވަކިވެ އަނެއްކާ ވެސް އެނބުރި އެމްޑީޕީއާއި ގުޅުނު ޙަސަން ލަޠީޕް (ކ) އާއި ބާރަށު ޝިފާޒް - މި ދެމީހުންނަކީ މީހުންނަށް އަމިއްލައަށް ފައިސާ ދީގެން އަމިއްލަ ގަޔަށް (މޫނާއި ލޮލަށް ބުރައިގެން ނުދާނެ ގޮތަށް ޝަރުޠުކޮށް) ކަޅުތެޔޮ ޖެއްސުވި މީހުން ކަމަށް ބުނެވޭ.
ޕީއެންސީގެ މެންބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރުވެފައިވާތީ، އެމްޑީޕީން މި ފުރުޞަތުގައި ޕީއެންސީ ބަދުނާމުކޮށް އެ ޕާޓީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވައިލުމަށް މަސައްކަތްކުރަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މިފަދަ 300 މައްސަލަ ވަނީ ހުށަހެޅިފައެވެ.
އެމްޑީޕީއަކީ ވެރިކަން ކުރި އިރުގައިވެސް، އަދި އިދިކޮޅުގައި އޮއްވައި ވެސް އަމިއްލައަށް އަމިއްލަ ޕާޓީގެ އޮފީހަށް ކަޅުތެޔޮ ޖަހައި އިދިކޮޅުގެ ބޮލުގައި އެޅުވި ޕާޓީއެކެވެ. ވީމާ ފިއްޓޭގެ މައްސަލައަކީ ވެސް އެމްޑީޕީން ރާވައިގެން ޤައުމު ހަލަބޮލި ކޮށްލުމުގެ މަޤްޞަދުގައި ކުޅެމުންދާ ކުޅީގެ ތެރެއިން އެއް ކުޅި ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.




