ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓުގެ ދަށުން ޅ. ނައިފަރުގައި އައު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ.
މި ސެންޓަރަކީ 'ނަޒާ ޙެލްތު ރިހެބިލިޓޭޝަން ސެންޓަރު' ގެ ނަމުގައި ހުޅުވި ތަނެކެވެ.
ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ސެންޓަރަކީ 2023 ވަނަ އަހަރު ބީއެމްއެލް ސްޓާޓަޕް ފަންޑު ހޯދި ސަންފާ ނަޒާހަތު އަހުމަދު ނައިފަރުގައި ހުޅުވި ރިހެބިލިޓޭޝަން ސެންޓަރެކެވެ.
މި އައު ސެންޓަރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ސްޕޯޓްސް ރިހެބިލިޓޭޝަނާއި، ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން އަދި އަންހެނުންނަށް ޚާއްޞަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ އެކި ޚިދުމަތްތައްވެސް މި ސެންޓަރުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރިއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީއެކެވެ. މި ގްރާންޓުގެ ދަށުން އުފެދެމުން އަންނަ ވިޔަފާރިތަކަށް ވިޔަފާރި ފަށައި ކުރިއެރުވުމަށް 500,000 ރުފިޔާގެ ހިލޭ އެހީ ދެވެއެވެ.
މި ރިހެބިލިޓޭޝަން ސެންޓަރަކީ ނައިފަރުގެ ރައްޔިތުންނަށާއި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް މުހިންމު ޞިއްޙީ ޚިދުމަތެއް ކަން ފާހަގަކުރެވެއެވެ.









