ލުބުނަނުގައި ތިބި ސީރިއާގެ ރެފިއުޖީން އަނބުރާ އެ ޤައުމަށް ގެނައުމާއި، ދެ ގައުމުގެ ސަރަހައްދީ ބޯޑަރު ކަނޑައެޅުމާއި ގުޅޭ ގޮތުން ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ އާއި ސީރިއާގެ އައު ވެރިކަމުގެ އިސްވެރިޔާ އަހްމަދު އަލް-ޝަރާ މަޝްވަރާތަކެއް ކޮށްފިއެވެ.
ބައްޝާރުގެ ދުވަސްވަރު އެތައް މިލިއަން ސީރިއާ ރައްޔިތުންނެއް އެޤައުމު ދޫކޮށް އެކި ތަންތަނަށް ގޮސްފައިވާއިރު، މީގެ ކުރިން އެމީހުން ތިބީ ބައްޝާރު ހުރިހާ ދުވަހަކު އަނބުރާ ޤައުމަށް ނުދިޔުމަށެވެ.
ރެފިއުޖީންނެއް ސީރިއާގެ ވެރިރަށް ދިމިޝްޤުގައި އޮތް މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިކާތީ ވިދާޅުވީ ސީރިއާ އާއި ލުބުނާނުގެ ދެމެދުގައި ސަރަހައްދީ ބޯޑަރު ކަނޑައެޅުމަކީ އެ ގައުމުގެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދާނެ ކަމަށެވެ. އަދި ލުބުނާނުގައި ތިބި ސީރިއާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަކީ ދެ ގައުމަށް ވެސް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީރިއާގެ އިސްވެރިޔާ އަލް-ޝަރާ ވިދާޅުވީ ލުބުނާނާއެކު ސީރިއާގެ ގުޅުން ބިނާވެގެންދާނީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ބިންގަލެއްގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބޯޑަރު މައްސަލަތަކާއި، ވަގަށް މުދާ އެތެރެކުރުމާއި، ލެބަނީޒް ބޭންކުތަކުގައި ހުރި ސީރިއާގެ ފައިސާގެ މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.
ލުބުނާނާއި ސީރިއާގެ ދެމެދުގައި 375 ކިލޯމީޓަރުގެ ބޯޑަރެއް އޮވެއެބެ. މިއީ ސަރަހައްދު ވަކިކުރެވިފައިނުވާ، އުނދަގޫ ސަރަހައްދެކެވެ. މި ސަރަހައްދުގައި ރަސްމީ 6 ބޯޑަރު ކްރޮސިންގ އޮތް ނަމަވެސް، ގިނަ ސަރަހައްދުތަކަކުން ހުއްދަނެތި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރެވެއެވެ.
ފާއިތުވި 25 އަހަރު ވަންދެން ސީރިއާގެ ވެރިކަން ކުރެއްވި ބަޝާރު އަލް-އަސަދު ވަނީ ޑިސެމްބަރު 8 ވަނަ ދުވަހު ދިމިޝްޤުގެ ބާރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް ދިއުމާއި ގުޅިގެން ރަޝިއާއަށް ފިލާވަޑައިގެންފައެވެ. މިއާއެކު 1963 އިން ފެށިގެން ސީރިއާގައި ވެރިކަން ކުރަމުން އައި ބާތު ޕާޓީގެ ވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.









