ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މި އެގްރީމަންޓްގައި ސޮއިކުރީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޙައްޖާއި ޢުމްރާއާ ބެހޭ މިނިސްޓަރ ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް މި އެގްރީމެންޓުގައި ބަޔާންވެގެންވާ ކަމަށެވެ. އެގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ޙައްޖުގެ ޚިދުމަތްދޭ ކުންފިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުމާއި އެފަދަ މުހިންމު ކަންކަންކަން މި އެގްރީމަންޓުގައި ބަޔާންވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއްކަން ފާހަގަކޮށްލެވެއެވެ.
މިނިސްޓަރ ޝަހީމްގެ މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާބެހޭ މިނިސްޓްރީން އިންތިޒާމުކުރާ 1446 ވަނަ އަހަރުގެ ޙައްޖު މައުރަޒުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އަދި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ޢަދަދު އިތުރުކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކޮށްލެވެއެވެ.









