ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ކަފުރުތޮޅިގެ، އަލީ އަމީން، 32 އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ ފެޑެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، މި މަހުގެ ހަތްވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 213 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފެޑެކްސް މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކުރި އިރު، ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އެހެން މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވީ ސ. ހިތަދޫ، ޖީބްރޯލްޓާ، ޝަރުވާން ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.









