އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް އެ ޤައުމަށް ވަޑައިގެންފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުފުޅުގައި ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާއި ދެމެދު ކޮންމެ އަހަރަކު ޤާއިމުކުރާ ޙައްޖު އެގްރީމެންޓްގައި ވަޒީރު ސޮއިކުރައްވާނެއެވެ. މީގެ އިތުރުން، ޙައްޖާ ބެހޭ ވަޒީރާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ވަޒީރު ޝަހީމް، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާބެހޭ ވުޒާރާއިން އިންތިޒާމުކުރާ 1446 ވަނަ އަހަރުގެ ޙައްޖު މައުރަޒުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އަދި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު އިތުރުކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ގޮތުގައި، ރާއްޖެއިން މީހުން ޙައްޖަށް ފޮނުވުމަށް ލިބޭ ކޯޓާގެ އަދަދު 2000 އަށް އިތުރުކުރުން ހިމެނެއެވެ.









