މި އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު ލޮސް އެންޖެލެސްގައި ރޯވި އަލިފާނުގެ ސަބަބުން މަދުވެގެން 16 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާތަނަށް ކުރި ތަހުގީގުތަކުން ދައްކާ ގޮތުގައި މި އަލިފާން ރޯވެފައިވަނީ ވައި ބާރުވެ ކަރަންޓު ވިއުގައިގެ މައްސަލަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އަލިފާން ރޯވުމުގެ ކުރިން އެ ސަރަހައްދުގައި ކަރަންޓުގެ ބޮޑެތި މައްސަލަތަކެއް ދިމާވި ކަމަށް ރިޕޯޓުތައް ބުނެއެވެ..
މަރުވި މީހުންގެ ތެރޭގައި އަލްޓަޑީނާ އާއި މަލިބޫގެ ރައްޔިތުން ހިމެނެއެވެ. އޭގެ ތެރޭގައި ގެއެއް ސަލާމަތްކުރަން މަސައްކަތްކުރަނިކޮށް މަރުވި އާއިލާއެއް ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.
ގަދަ ވަޔާއެކު އަލިފާން ފެތުރުން އިތުރަށް ވަރުގަދަވެ، މިހާތަނަށް 23,654 އޭކަރު އަންދާލާފައިވެއެވެ. އަލިފާނުގެ 11 އިންސައްތަ އަދި ކޮންޓްރޯލްކުރެވިފައިވާއިރު، 12,000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ، 153,000 މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައިވެއެވެ. އަދި 166,000 މީހުން އިތުރަށް ސަމާލުވުމަށް އިންޒާރުދީފައިވެއެވެ.
އަލުފާން ކޮންޓްރޯލް ކުރުމަށް 1,400 އަށްވުރެ ގިނަ އަލިފާން ނިއްވާ މީހުން ދަނީ ޙަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 1,000 އަށްވުރެ ގިނަ ތަމްރީނު ލިބިފައިވާ ޖަލު ބަންދުގައި ތިބޭ ގައިދީން ވެސް ހިމެނެއެވެ. ވައިގެ މަގުން ފެނާއި އަލިފާން ނިއްވާ ކެމިކަލް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ. ނަމަވެސް، ފެން ހޮޅިތަކުގެ ފެނުގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓް ކުރިއެވެ.
މި އަލިފާނުގެ ސަބަބުން 150 ބިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ވެފައިވާކަމަށް މުޙައްލިލުން ލަފާކުރެވެއެވެ. އަދި ލީޓުވާ މީހުންގެ ޢަދަދު އިތުރުވެ، ވައްކަންކުރުން ހުއްޓުވުމަށް އެ ސަރަހައްދުތަކުގައި ކާފިއު ވެސް އިއުލާނުކޮށްފައިވެއެވެ.









