ފުރަތަމަ ޑިވިޝަންގެ ކްލަބް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް 30،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު ސިވިލް ކޯޓުން މި ހުކުމް ކުރީ، ޔުނައިޓެޑް ވިކްޓަރީން ބިދޭސީ ކުޅުންތެރިން ބިޒްނަސް ވިސާގައި ރާއްޖެ ގެނައުމަށްފަހު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އާ ނުކުރުމާއި، އެ ކުޅުންތެރިން ފުރުވާލުމުގައި އެކަށީގެންވާ ގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.
ކޯޓުން ޔުނައިޓެޑް ވިކްޓަރީގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވަނީ، މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް 30،000 ރުފިޔާ ދެއްކުމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް މުސާރަ އާއި އެހެނިހެން ފައިސާ ނުދޭތީ ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި ހަޅުތާލެއް ކޮށްފައިވެއެވެ. މިލޯސް ބުނެފައިވަނީ އެފްއޭއެމްއިން ޔަގީންކަން ދިނުމުން ހަޅުތާލު ހުއްޓާލި ކަމަށެވެ.
މުސާރައިގެ މައްސަލަތަކާ ގުޅިގެން، ކްލަބް ލައިސަންސިންގ ފުރިހަމަ ނުވާ ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީ ހިމެނެއެވެ.
މި ހުކުމާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީން އަދި އެއްޗެއް ބުނެފްއެއް ނުވެއެވެ.