ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަޤާމުގައި ހުރެ ޙަސަން ލަޠީފް "ހައިޖާނު" ހަދައި އޭނާގެ ޕާޓިއާއި ދެކޮޅަށް މަސައްކަތް ކުރާކަން ފަޅާއެރުމުން، މާ ކުރީގެ ތާރީޚެއް އިސްތިއުފާގެ ސިޓީގައި ޖަހައިފިކަން ފަޅާއަރައިފިއެވެ.
އޭނާ ރައީސްކަމުން އިސްތިއުފާ ދިންއިރު އޭނާއާއި ދެކޮޅަށް އެޕާޓީގެ ނެޝަނަލް އެސެމްބްލީން ދިޔައީ ޕެޓިޝަނެއް ވެސް ތައްޔާރު ކުރަމުންނެވެ. ބެކްޑޭޓެއް ޖަހައި އިސްތިއުފާ ދިން މައިގަނޑު އެއް ސަބަަބަކީ ވެސް އެއީ ކަމަށް ޑިމޮކްރެޓްސްގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.

ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވެސް ވަނީ މަޤާމުން އިސްތިއުފާ ދީ، ޕާޓީން ވަކިވެފައެވެ. މި ދެ ބޭފުޅުން މަޤާމުތަކުން އިސްތިއުފާ ދެއްވުމާއ ގުޅިގެން، ޑިމޮކްރެޓްސްގެ އިސްވެރިންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއް ވެސް މިހާރު ދަނީ ފެތުރެމުންނެވެ. އެގޮތުން ކުރީގެ މެންބަރު އަލީ އާޒިމާއި ޝިފާޒް ވެސް އެމްޑީޕީއަށް ސޮއިކުރައްވައިފި ކަމުގެ އަޑުތައް އެބަ އިވެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ހުސައިން އަމްރު މިހާރު ވަނީ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންފައެވެ.
ފަހަކަށް އައިސް ޑިމޮކްރެޓްސްގެ ހަރަކާތްތައް މުޅިންހެން އޮތީ މަޑުޖެހިފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ވެސް އެއްވެސް ގޮނޑިއެއް ނުލިބި ހުސް އަތާ ދާން ޖެހުމުން، އެ ޕާޓީގެ މާ ބޮޑު ސިޔާސީ ހަރަކާތްތަކެއް ކުރިއަކަށް ނުގެންދެއެވެ.






