އިންޑިއާއިން ރާއްޖެއަށް ހަތިޔާރު ދީފި

އުސްތާޛް މުޙައްމަދު ޢަލީ | 143 ދުވަސް ކުރިން - 11 ޖެނުއަރީ 2025 14:58
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ.
ޚުލާސާ

މި ހަތިޔާރުގެ އަގު 35 ކުރޯރް އަށް އަރާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނޭ.

އިންޑިއާއިން ރާއްޖެއަށް ހަތިޔާރު ދީފިއެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ހަތިޔާރުގެ އަގު 35 ކުރޯރް އަށް އަރައެވެ.

މި ހަތިޔާރު ޙަވާލުކުރީ އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ އާއި ރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިންޑިއާގައި ބޭއްވެވި ޚާއްޞަ ބައްދަލުވުމުގެ ތެރެއިންނެވެ.

މިއީ ރާއްޖޭގެ ސަރުކާރުން އެދިގެން ދީފައިވާ އެހީއެއް ކަމަށް އިންޑިއާގެ ދިފާއީ މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވީ ރާއްޖޭގެ ދިފާއީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށް އިންޑިއާ އޮތީ ތައްޔާރަށެވެ.

މީގެ ތެރޭގައި ރާއްޖޭގެ އިސްކަންދޭ ކަންކަމާއި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި "ސާގަރ" (ސެކިއުރިޓީ އެންޑް ގްރޯތު ފޯރ އޯލް އިން ދަ ރީޖަން) ވިޝަންއާ އެއްގޮތަށް ދިފާއީ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އިންޑިއާގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ރާއްޖެއަށް އެހީތެރިވުމުގައި އިންޑިއާއިން އަދާކުރާ ތާރީޚީ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ މޮޑަން އިންފްރާސްޓްރަކްޗަރ ޤާބިލުކަން އިތުރުކުރުމަށާއި ދިފާއީ އަދި ސަލާމަތީ ޚިދުމަތުގައި ޚިސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި އިންޑިއާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ދިފާއީ އަދި ސަލާމަތީ އެއްބާރުލުމުގެ އެކި ދާއިރާތައް މުރާޖަޢާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ހާބަރ ޕްރޮޖެކްޓާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑަށް ތަރައްޤީކުރާ ބަނދަރެއް ކަމަށްވާއިރު، މީގެ ބިންގާ އަޅާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހު ރާޖްނާތު ސިންގ އާއި އޭރުގެ ދިފާއީ ވަޒީރު މާރިޔާ ދީދީއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން 2023 ވަނަ އަހަރު ގޯސްވެފައިވީ ނަމަވެސް، ފަހުން ގުޅުން ރަނގަޅުވެފައިވެއެވެ. ރައީސް މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާއިން ވަނީ ރާއްޖޭގެ ކޯސްޓްގާޑް އުޅަނދު "ހުރަވީ" ހިލޭ މަރާމާތުކޮށްދޭން އެއްބަސްވެފައެވެ.

އިންޑިއާގެ ދިފާއީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑު ސަރަޙައްދުގެ ދެ ޤައުމަށް ވެސް ފައިދާވާނެ ގޮތަށް ކުރިއެރުވުމަށް ލިބުނު ފުރުޞަތެކެވެ.

މި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހަތިޔާރާއި ދިފާއީ އާލާތްތަކުގެ ތަފްޞީލް ބަޔާންކޮށްފައި ނުވި ނަމަވެސް، މިއީ ރާއްޖޭގެ ދިފާއީ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދެ ފަރާތުންވެސް ފާހަގަކޮށްފައިވެއެވެ. އިންޑިއާއިން ރާއްޖެއަށް ދޭ މިފަދަ އެހީތަކަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިކުރާނެ ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%