މާލެއަށް ރޭ ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގޭގެއިން 44 މީހަކަށް ވަގުތީ ހިޔާވަހިކަން މިއަދު ހަމަޖައްސައި ދީފި އެވެ.
އެންޑީއެމްއޭ އިން ބުނީ ރޭގެ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެމީހުން ބަދަލުކުރެވުނީ އެ ގޭގޭގެ ފާހާނާތަކުން ނަޖިސް ލީކުވުމާއި ކައްކާއި ކައިބޮއެ ހެދުމަށް ބުރޫއަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައި ވާތީ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދުގެ ހެނދުނު 10:00 އާ ހަމައަށް 18،000 އަށް ވުރެ ގިނަ ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގޭގެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.
މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.






