އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ "ރަމަޟާން ބާޒާރު" މިއަދު ފަށައިފިއެވެ. ކޮންމެ އަހަރަކުވެސް ރޯދަ މަހަށް ޚާއްސަކޮށް އެސްޓީއޯއިން ބާއްވާ މި ޕްރޮމޯޝަން މިއަހަރު ވެސް ފަށާފައިވަނީ ބޮޑެތި އިނާމުތަކާއެކުގައެވެ.
މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރުގައި ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް، 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް، އަދި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރެއް ހިމެނެއެވެ.
މި އަހަރުގެ ރަމަޟާން ބާޒާރުގެ އެންމެ ޚާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
އެސްޓީއޯ ރަމަޟާން ބާޒާރަކީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަޤުބޫލު އެއް ސޭލްކަމަށް ބެލެވެއެވެ. މި ބާޒާރުގެ ޑިސްކައުންޓްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.









