ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކުން ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ކުރެވޭކަމަށް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރެމުންދާތީ، އެ ވީޑިއޯގައިވާ މަޢުލޫމާތު ދޮގުކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ބޭންކުން ކަސްޓަމަރުންނަށް ޚިދުމަތްދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖްކުރުމުގެ ޚިދުމަތް ނުދޭ ކަމަށެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ކަސްޓަމަރުން ބޭންކަށް ސުވާލު ހުށަހަޅަމުންދާ ކަމަށް ވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަރކާޑުގެ އިތުރުން އެހެނިހެން ބައިނަލްއަޤްވާމީ ބްރޭންޑްތަކުގެ ކާޑުތަކުން މުޢާމަލާތް ހިންގޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ނަމަވެސް، ވީޑިއޯގައި ދައްކާފައިވާ ފަދައިން އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ބޭންކުގެ އޭޓީއެމް އާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭގޮތަށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި ބީއެމްއެލް އިން ޝާމިލުވެ އެކަމަށް މަގުފަހިކޮށްދޭކަމަށް ދޭހަވާ ގޮތަށް މިފަދަ ވީޑިއޯއެއް އާންމުކޮށްފައިވާތީ އެކަން ބީއެމްއެލްއިން ވަނީ ކުށްވެރިކޮށްފައެވެ.









