އިންޑިއާއާއި ޠާލިބާން ސަރުކާރުގެ ޑިޕްލޮމެޓުންގެ މުހިންމު ބައްދަލުވުމަކަށް ފަހު، އިންޑިއާއަކީ 'މުހިންމު ސަރަހައްދީ އަދި އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި' ދެކޭ ކަމަށް ބުނެ އަފްޣާނިސްތާނުގައި ހުންނަ ޠާލިބާނުންގެ ޚާރިޖީ އޮފީހުން އިއްޔެ ބަޔާނެއް ނެރެފިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ބުދަ ދުވަހު ދުބާއީގައި ޠާލިބާނުންގެ އެކްޓިން ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތާގީއާ ބައްދަލުކުރެއްވިއެވެ. މިއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން ކާބުލްގެ ކޮންޓްރޯލް ހޯދި ފަހުން އިންޑިއާއާ އެކު ކުރި ފުރަތަމަ މަތީ ފެންވަރުގެ ޑިޕްލޮމެޓިކް ކޮންޓެކްޓެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަފްޣާނިސްތާނުގެ ބެލެންސްޑް އަދި އިގްތިސާދަށް ފޯކަސްކޮށްފައިވާ ޚާރިޖީ ސިޔާސަތާއި އެއްގޮތަށް އިސްލާމިކް އެމިރޭޓްގެ އަމާޒަކީ މުހިންމު ސަރަހައްދީ އަދި އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި އިންޑިއާއާ އެކު ސިޔާސީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުން" ކަމަށެވެ.
މި ބައްދަލުވުމުގައި އަފްޣާނިސްތާނާ ގުޅުން ފުޅާކުރުމާއި އީރާނުގެ ޗަބަހާރު ބަނދަރު މެދުވެރިކޮށް ވިޔަފާރި ކުރިއެރުވުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އިންޑިއާއިން ބުނާ ގޮތުގައި ޗަބަހާރު ބަނދަރަކީ ޕާކިސްތާނުގެ ކަރާޗީ އަދި ގްވާދަރު ބަނދަރުތަކާއި ވާދަކުރުމަށް މުދާ އުފުލުމަށް ތައްޔާރު ކުރަމުންދާ ބަނދަރެކެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން މި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ތަރައްގީގެ މަޝްރޫއުތަކާއި ވިޔަފާރީގެ ގުޅުން ކުރިއެރުވުމަށް އިންޑިއާއިން ވިސްނަމުންދާ ކަމަށެވެ.
އިންޑިއާ ހިމެނޭ ގޮތަށް އަވަށްޓެރި އެއްވެސް ގައުމަކުން ޠާލިބާނުންގެ ވެރިކަމަކީ އަފްޣާނިސްތާނުގެ ސަރުކާރެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަނެއެވެ. ނަމަވެސް އިންޑިއާއަކީ ވިޔަފާރިއާއި އެހީއާއި ސިއްހީ އެހީތެރިކަމަށް ކާބުލްގައި ކުޑަ ޑިޕްލޮމެޓިކް މިޝަނެއް ދަމަހައްޓައި ޠާލިބާނުންގެ ކޮންޓްރޯލްގެ ދަށުގައިވާ އަފްޣާނިސްތާނަށް އިންސާނީ އެހީ ފޮނުވާފައިވާ ބައެކެވެ.






