ޙާލުގައި ޖެހުނު ޢުމްރާވެރިން މި މަހު 10 ގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހިފައިތިބި 24 ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަން ފަށާފައިވާއިރު، އަލްހިޖްރަ ގްރޫޕުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޢުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ ޢުމްރާވެރިން ރާއްޖެ ގެނައުމަށް ދަތިވެފައިވާ ކަމަށެވެ. އަދި ޢުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ނަމަވެސް އެކަމުގައި މިއަދާ ހަމައަށް ކުރިމަގެއް ފެނިފައި ނުވާކަމަށް ބުންޏެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ޙާލުގައި ޖެހިފައި ތިބި ޢުމްރާވެރިން ތިބި ހޮޓަލުން ނުކުންނަން ޖެހޭތީ، އެމީހުން ފުރަން ވަންދެން ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި މި އިންތިޒާމްތަކުގެ ތެރޭގައި ކެއުމާއި ބުއިމުގެ އިންތިޒާމް ހިމެނޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޢުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ ތިން ކުދިންވެސް ހިމެނޭ ކަމަށެވެ.
ޢުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.






