މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސާ އެކު ބޭއްވި މަޝްވަރާތަކާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ ލުބްނާ ވިދާޅުވީ، މި ބައްދަލުވުންތަކުގެ ބޭނުމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބިނާކުރުން ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައެއް ކްލާސްތަކަށް ހާޒިރުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ޕްރޮގްރާމު ފަށާނެ ވަކި ތާރީޚެއް ވިދާޅެއް ނުވެއެވެ.
މިދިޔަ 12 އަހަރުގެ ތެރޭގައި ނޭޝަނަލް އިންސްޓިޓިއުޓް ފޯ ރިސާޗު އެންޑް އެޑިކްޝަންސް ސްޓަޑީޒުން އެއްވެސް މަސައްކަތެއް ހިންގާފައި ނުވާ ކަމަށް އެންޑީއޭ އިން ބުންޏެވެ.
ލުބްނާ ވިދާޅުވީ އެ އިންސްޓިޓިއުޓްގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގެ ޙާލަތު ދެނެގަތުމަށް ހަދަން ޖެހޭ ދިރާސާތައްކޮށް، އެ ދިރާސާތަކަށް އެންޑީއޭގައި ހުރި ޑޭޓާތަކުގެ ބޭނުންވެސް ހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ބޮޑުވެފައި ވާއިރު، ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ރީއިންޓަގްރޭޓް ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ.
އެޑިކްޝަން ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ގާތްގަނޑަކަށް 7,500 މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.









