ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް މިއަދު ކިޔައިފިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާ ސަރުކާރުން ވަނީ ޣައްސާން އަށް ރަތްދޫލައިގެ މަރުޙަބާއެއް ކިޔުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޣައްސާނަށް މަރުޚަބާ ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރު ރަޖްނާތު ސިންގެވެ.
ޣައްސާން ތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ވެރިންނާ އެކު ޚާއްސަ ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ތަމްރީނާއި ޖޮއިންޓް އެކްސަސައިޒްތަކާއި ދިފާއީ މަޝްރޫޢުތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ރާއްޖޭގެ ޤައުމީ ދިފާއީ ބާރު ހަރުދަނާކުރުމަށް ބޭނުންވާ ދިފާއީ އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ޣައްސާން އިންޑިއާއަށް ވަޑައިގެންނެވިއިރު، އެ ޤައުމުގެ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު މިދިޔަ އަހަރުގެ ކުރީކޮޅު ފުއްދައި އިންޑިއާގެ ސިފައިން ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރުތައް ދުއްވުމަށް އެ ޤައުމުން މަދަނީ މީހުން ވަނީ ގެނެސްފައެވެ.