ޗައިނާގެ ޓިބެޓް ސަރަޙައްދުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ސިގަޓޭޝް ކައިރިއަށް އިއްޔެ ހެނދުނު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 126 އަށް އަރާފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކުން ބުނެފިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާއިން ބުނި ގޮތުގައި ބިންހެލުން އައިތާ ގަޑިއެއްހާއިރުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު ފުރަތަމަ ރިޕޯޓްކުރީ 53 މީހުން ކަމަށެވެ. އަދި ޒަޚަމްވީ ގާތްގަނޑަކަށް 60 މީހުން ކަމަށާއި، އޭގެ ގަޑިއެއްހާއިރު ފަހުން ގާތްގަނޑަކަށް 95 މީހުން މަރުވެ، 130 މީހުންނަށް އަނިޔާވެފައިވާ ކަމަށް އިތުރު މަސްދަރަކުން ރިޕޯޓްކޮށްފައިވެއެވެ.
ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ)ގެ މަޢުލޫމާތުން ދައްކާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ ހެނދުނު ޗައިނާ ގަޑިން 9:05 ގައެވެ. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް ކަމަށެވެ.
ސީއީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި ބިންހެލުންތަކަކީ އެ ސަރަޙައްދަށް އާންމު ކަމެއް ނަމަވެސް އިއްޔެ އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަޙައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ.
މި ބިންހެލުމުގެ އަސަރު އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓަށާއި، ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދުރުގައި އޮންނަ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫއަށް ވެސް ކުރި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ސަލާމަތީ ޚިދުމަތްތަކުން ބުނާ ގޮތުގައި މި ޙާދިސާގައި 1,000 އަށްވުރެ ގިނަ ގެ ވަނީ ވެއްޓިފައެވެ. ކޮމިއުނިސްޓު ސަރުކާރުން ވަނީ ޙާދިސާ ހިނގި ސަރަޙައްދަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައެވެ.









