މާލޭގެ ގ. އުފުރިޔާގެ ހަވަނަ ފަންގިފިލާގައި މިރޭ ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. އިހުސާން ފިހާރަ ހިންގާ މި ޢިމާރާތުގައި ރޯވޯ މިރޭ 11:27 ހާއިރުގައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާން މިހާރު ވަނީ ނިއްވާލެވިފައި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި މި އަލިފާން ފުރަތަމަ ރޯވެފައިވަނީ ގޮދަޑިއެއްގައި ކަމަށް ބެލެވޭ ކަމަށާއި، އަލިފާނުގެ އަސްލު ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ފުލުހުންނާއި ސިފައިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަލިފާނުގެ ސަބަބުން އެ އެޕާޓްމަންޓުގައި ހުރި ބައެއް ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ވަގުތު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ.








