ވިއްސާރާގައި ގެއްލުން ލިބުނު މާލޭގެ ހުރިހާ ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހަދައިފި

އަހްމަދު އީޒާން | 328 ދުވަސް ކުރިން - 6 ޖެނުއަރީ 2025 17:00
އެންޑީއެމްއޭގެ މުވައްޒަފަކު، ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހެދުމުގައި / ފޮޓޯ: އެންޑީއެމްއޭ
އެންޑީއެމްއޭގެ މުވައްޒަފަކު، ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހެދުމުގައި / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

އެންޑީއެމްއޭ ބުނީ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރާގައި ގޭގެއަށް ލިބުނު ގެއްލުންތައް ބެލުމަށް ޑެމޭޖް އެސެސްމަންޓް ހަދައި ނިމިފައިވާ ކަމަށް.

މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރާގައި ގެއްލުން ލިބުނު ހުރިހާ ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހަދައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެ މަސައްކަތް މިއަދު ނިންމައިފި އެވެ.

އެންޑީއެމްއޭ ބުނީ ހުކުރު ދުވަހު މާލެއަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތައް ބެލުމަށް ޑެމޭޖް އެސެސްމަންޓް ހަދައި ނުނިމި ހުރި 45 ގެއެއްގެ އެސެސްމަންޓް މިއަދު ހަދައި ނިމިފައިވާ ކަމަށެވެ. މާލެއަށް ކުރި ވިއްސާރާގައި 137 ގެއަކަށް ފެންވަދެ، އެކި ވަރުގެ ގެއްލުން ލިބުނު ކަމަށާއި އޭގެ ތެރެއިން 92 ގެއެއްގެ ޑެމޭޖް އެސެސްމަންޓް ހަދައި ނިންމީ އިއްޔެ ކަމަށް ބުންޏެވެ.

އެ މަސައްކަތް ކުރީ އެންޑީއެމްއޭ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެންނެވެ.

ލިބިފައިވާ ގެއްލުންތަކަށް ބަލައި އެންޑީއެމްއޭ އިން އެ ގޭގެއަށް މާލީ އެހީތެރިކަން ދޭނެ އެވެ.

މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން 554 ރިކުއެސްޓް ލިބުނީ ވެލިބަސްތާ ޖަހައިދިނުމަށެވެ. އަދި 36 ގޭބިސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ހަމަޖައްސައިދިނެވެ.

މިދިޔަ ހުކުރު ދުވަހު، މެދުކެނޑުމެއް ނެތި ހަ ގަޑިއިރެއްހާއިރަށް މާލެއަށް ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ވަނީ ގޭގެއަށާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%