އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން އެކި ޤައުމުތަކުން ސީރިއާއަށް މި އަހަރުގެ ޖެނުއަރީ މަހު ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ބޮޑެތި އެހީތަކެއް ދީފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި އިންތިގާލީ މުއްދަތުގައި ސީރިއާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އެކި ޤައުމުތަކުން 684 ޓަނަށްވުރެ ގިނަ ރިލީފް ސާމާނު ފޮނުވާފައިވެއެވެ.

ސީރިއާގެ ވެރިޔާ މުޙައްމަދު އަލް-ޝަރާ (ޖޯލާނީ) ދިމިޝްޤުގައި ކްރިސްޓިއަން އިސް ވެރިންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން. އޭނާގެ ވެރިކަމުގައި ހުޅަނގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މުޙައްމަދު އަލް ޝަރާ ވަނީ ވިދާޅުވެފަ. (ރޮއިޓާސް)
ކާބޯތަކެއްޗާއި ބޭސްފަރުވާގެ އެހީ ހިމެނޭ ގޮތަށް 300 ޓަނުގެ މުހިންމު ރިލީފް ސާމާނު އުފުލާ ގާފިލާއެއް ސީރިއާއަށް ފޮނުވައިގެން އުރުދުނުން ބޮޑު އެއްބާރުލުމެއް ދިނެވެ.
އަނެއްކޮޅުން މިސްރާތާއިން ފުރައިގެން ދިޔަ ބޯޓެއްގައި 34 ޓަނުގެ އިންސާނީ އެހީ ހިފައިގެން ލީބިޔާއިންވެސް ވަނީ އެހީގެ މަސައްކަތްތަކުގައި ބައިވެރިވެފައެވެ. މިސްރާތާ ސިޓީ ސަރުކާރާއި ލީބިޔާގެ ރެޑް ކްރެސެންޓްގެ މެމްބަރުން ހިމެނޭ މި ވަފުދުން ވަނީ ސީރިއާގެ ވަފުދުން ކޯޑިނޭޓްކޮށް އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދީފަ އެވެ.

ޤަތަރުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ބިން ޢަބްދުލް ޢަޒީޒް އަލް-ޚުލައިފީ (ވ) ސަންޢާގައި ސީރިއާގެ ވެރިޔާ މުޙައްމަދު އަލް-ޝަރާ އާއި އެކު. .
ސައުދީ އަރަބިއްޔާއިން ވެސް ސީރިއާއަށް ފުލުފުލުގައި ގިނަ މުދާތައް ފޮނުވައިފިއެވެ. ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޯހިޔާވަހިކަމުގެ ސާމާނު ބަރުކޮށްގެން ފަސް މަތިންދާބޯޓު ދިމިޝްގަށް ފޮނުވާފައިވެ އެވެ.
މީގެ އިތުރުން ޔޫކްރޭނުން ވަނީ "ގްރެއިން ފްރޮމް ޔޫކްރޭން" އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން އެތައް ސަތޭކަ ޓަނެއްގެ ދަނޑުވެރިކަމުގެ ބާވަތްތައް ސީރިއާއަށް ފޮނުވާފައެވެ. މިހާރު ވެސް ހަނގުރާމައިގައި އޮތް ޔުކްރޭނުގެ ރައީސް ޒެލެންސްކީ ވިދާޅުވީ އޭނާ ބޭނުންވަނީ ސީރިއާއެކު ގާތް ގުޅުން ބޭއްވުމަށެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުން ވެސް ވަނީ ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ):
އީޔޫއިން ވަނީ ސީރިއާގެ މީހުންނަށް އެހީތެރިވުމަށް 560 މިލިއަން ޔޫރޯ ކަނޑައަޅާފައެވެ.
ޖަރުމަނާއި ފްރާންސް:

ފްރާންސް ފޮރިން މިނިސްޓަރ ޖީން ނޮއެލް ބެރޮޓް (މެދުގައި) އާއި ޖަރުމަން ފޮރިން މިނިސްޓަރ އަނަލީނާ (ވ)، ސަންޢާގައި ސީރިއާގެ ވެރިޔާ މުޙައްމަދު އަލް-ޝަރާއާއެކު
މި އަހަރު ފެށުމާއެކު ޖަރުމަނާއި ފްރާންސްގެ ފޮރިން މިނިސްޓަރުން ވަނީ ސީރިއާގެ އާ ވެރިންނާއި ބައްދަލުކުރެއްވުމަށް ދިމިޝްގަށް ޒިޔާރަތްކޮށްފަ އެވެ. އެބޭފުޅުންގެ ދަތުރުފުޅުގައި ސީރިއާގެ ހަމަޖެހުމާއި އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް އެޤައުމުތަކުން އެހޭ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.
އެމެރިކާ:
ސީރިއާއާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުވާލައި އެމެރިކާއިން ވަނީ ކޮންމެހެން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ރާވާފައިވާކަން އިއުލާންކޮށްފައެވެ.
މީގެ އިތުރުން އެމެރިކާއިން ވަނީ މިހާރު ހިނގަމުންދާ ދަތިކަމުގެ އަސަރު ސީރިއާ އާއި ވަށައިގެންވާ ސަރަހައްދުގެ މީހުންނަށް އެހީތެރިވުމަށް ގާތްގަނޑަކަށް 535 މިލިއަން ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާންކޮށްފައެވެ. މީގެ ތެރޭގައި ޔޫއެސްއޭއައިޑީ މެދުވެރިކޮށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް މެދުވެރިކޮށް 235 މިލިއަނަށްވުރެ ގިނަ ޑޮލަރު ހިމެނެއެވެ.









