ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މި މަހުގެ 7 އާއި 8 އާ ދެމެދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހާމަކުރައްވައިފި އެވެ.

މިހާރު އިންޑިއާގެ ރަސްމީ ދަތުރުފުޅެއްގައި ހުންނެވި ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ވިއޯން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވަޒީރު ޣައްސާން ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރުގެ މި ބަޔާނަށްފަހު، ވިއޯން ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ 7 އާއި 8 އާ ދެމެދުގައެވެ.

މިއީ އެމަނިކުފާނު ޑިފެންސް މިނިސްޓަރުގެ ޙައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.