ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގެންފިއެވެ. ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ. ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މޮތްތަކާމެދު މަޝްވަރާކުރެއްވުމެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ދަތުރުފުޅުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޔޫއޭއީން ވެދެއްވާ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ޚާރިޖީ ވަޒީރު މި ދަތުރުފުޅު ފެއްޓެވުމުގެ ކުރިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، އިންޑިއާގެ ހިލޭއެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރެއްވިއެވެ.






