ރާއްޖެއާއި އިންޑިއާއާ ދެމެދު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަމަށާއި، މިކަމުން ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ހާމަވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ރަސްމީ ދަތުރުފުޅެއްގައި ހުންނަވައި، ބައިނަލްއަޤުވާމީ ޓީވީ ޗެނަލް ވިއޯންއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މިވާހަކަ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ޒަމާންވީ މިގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރަށެވެ. އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ޚާއްސަ އިސްކަމެއްދޭކަން ރާއްޖެއިން ޤަބޫލުކުރާކަމަށާއި، މިކަން އެންމެ ބޮޑަށް ހާމަވަނީ މިހާރު ވެސް ރާއްޖޭގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ ތަރައްޤީގެ އެތައް މަޝްރޫޢަކުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ހުރިހާ ޤައުމަކާވެސް ގުޅިގެން މަސައްކަތްކުރަން ރާއްޖެއިން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުމަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރެއް ނުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދެއެވެ. މީގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕްގެ މަސައްކަތާއި، ކަރަންސީ ސެޓަލްމަންޓްގެ މަސައްކަތް، އަދި 60 މިލިއަން ޑޮލަރުގެ އިޖުތިމާޢީ އެކި ޕްރޮގްރާމްތައް ހިމެނެއެވެ.
މީގެ އިތުރުން، ތިލަމާލޭ ބްރިޖް މަޝްރޫޢުއަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މި މަސައްކަތް އަވަސްކުރުމަށް ދެޤައުމުގެ އިސްވެރިންގެ މެދުގައި އެކިފަހަރުމަތިން މަޝްވަރާތައް ކުރިއަށް ގެންދަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 4000 ހައުސިންގ ޔުނިޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި އިންޑިއާގެ ފާހަގަކޮށްލެވޭ ތަރިންގެ މެދުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށާއި އެކަން އެގޮތުގައި ދެމިއޮންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އިންޑިއާއަކީ އަމިއްލަ ތަރައްޤީއާއެކު އަވައްޓެރި ޤައުމުތަކުގައި މުހިއްމު ހިއްސާއެއް ދަމަހައްޓާ ޤައުމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނިންމާލަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ ނާރާނެހެން ހުރިހާ ޤައުމަކާ ވެސް ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދޭކަމަށެވެ. މިގޮތުން އިންޑިއާއާއެކު އޮތް ގުޅުން ވެސް އިތުރު ހަރުފަތަކަށް ޖެހެމުންދާ ކަމަށާއި، ދެ ޤައުމުގެ ގުޅުމަށް ވެސް ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެއްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.









