ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް 7 އަހަރަށް އަމާޒުކޮށްގެން "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެކުލަވާލާފައެވެ. މި އިސްތިރާޖުގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަން ވިދާޅުވި ގޮތުގައި މި އިސްތިރާޖަކީ ކުރިމަގުގައި ދިމާވެދާނެ ކާރިސާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުކުރުމަށާއި ކާރިސާތަކަށް ވިލުންތެރި ރާއްޖެއެއް ބައްޓަން ކުރުމަށް އެހީތެރިވެދޭނެ މަގުޗާޓެކެވެ.
މި އިސްތިރާޖުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ޤާނޫނީ އިޖުރާއަތްތައް ހަރުދަނާކުރުމާއި، ދުރާލާ އިންޒާރު ދޭ ނިޒާމްތައް ހަރުދަނާކުރުމާއި ކުރިއެރުވުން ހިމެނެއެވެ. މީގެ އިތުރުން ކާރިސާތަކުން އަރައިގަތުމާއި އަލުން އާރާސްތުވުމުގެ ކެރިފޯރުންތެރިކަން އިތުރުކުރުމާއި، ކުރިމަތިވާ ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ ސަޤާފަތެއް އާލާކުރުންވެސް ހިމެނެއެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ނުރަނގަޅު އަސަރު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުން ދަނީ ތަޙައްމަލު ކުރަމުންނެވެ. އުދައެރުމާއި ވިއްސާރަވެ ފެންބޮޑުވުންފަދަ ހާދިސާތަކުގެ ސަބަބުން ދިރިއުޅެން ކުރާ މަސައްކަތްތަކަށާއި، ގޯތިގެދޮރާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.









