ކ. މާފުށީގައި ބަނގުރާ ގެންގުޅުނު މީހެއްގެ އަދަބަށް ލުއިދީ، ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާކޮށްފިއެވެ. މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
2023 ވަނަ އަހަރު މާފުށީ ގެސްޓް ހައުސްއެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރެއިޑްކޮށް ހައްޔަރުކުރެވުނު މި މީހާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޝަރީޢަތުގައި، ކުށްކުރި މީހާ ވަނީ އޭނާ ބަނގުރާ ގެންގުޅުނު ކަމަށް އިޢުތިރާފުވެފައެވެ.
އަދަބުގެ ގޮތުން އިއްވާފައިވާ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް، ކުށްވެރިޔާގެ އެދުމުގެ މަތިން އަދި ދައުލަތުގެ އިޢުތިރާޟެއް ނެތުމާއެކު، 10،800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައި ވެއެވެ.
މި މައްސަލަ ނިމުނުއިރު، މާލޭގައި ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ތިން މީހަކު ކޯޓުން ވަނީ ނިމުނު ހަފުތާގައި ދޫކޮށްލާފައެވެ.









