ބާރުގަދަ ގޮވުންތަކެއް ގޮވުމަށްފަހު ރަޝިޔާގެ ކާގޯ ބޯޓް "އުރްސާ މޭޖާ" ސްޕެއިން ކައިރިން ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އަޑިއަށް ދިއުމާއި ގުޅިގެން އިހުމާލުވެފައިވާ ކަމަށް ބުނާ ތުހުމަތުތައް ނޯވޭގެ ޝިޕިންގ ކުންފުނިން ދޮގު ކޮށްފިއެވެ.
ރަޝިޔާގެ ބޯޓު އަޑިއަށް ދިޔައީ ތިން ގޮވުމެއް ގޮވުމަށްފަހުއެވެ. އެއީ ޓެރަރިސްޓް އަމަލެއް ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ރަޝިޔާގެ ދިފާޢީ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑެވް ވަނީ ނޯވޭގެ ދިދަ ޖަހާފައިވާ އުޅަނދު އޮސްލޯ ކެރިއާ 3 އިން ހާލުގައި ޖެހިފައިވާ ރަޝިޔާގެ އުޅަނދަށް އެހީތެރިވުމަށް ދެކޮޅު ހެދި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މި ބޯޓު ސެއިންޓް ޕީޓާސްބާގުން ފުރައިގެން ދިޔައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ބޮޓު އަޑިއަށް ދިޔައީ ސުއޭޒް ކެނަލް މެދުވެރިކޮށް ވްލަޑިވޮސްޓޮކަށް ދަތުރު ކުރަމުން ދަނިކޮށެވެ.
އޮސްލޯ ކެރިއާ 3 ހިންގާ ކުންފުނި ބަލްކްޝިޕް މެނޭޖްމަންޓް އޭއެސް އިން ރަޝިއާގެ ތުހުމަތު ތަކަށް ދެކޮޅު ހަދައި ބުނީ، ރަސްމީ ރެސްކިއު ބޯޓެއް ދަތުރުކުރަމުންދާތީ، ފަޅުވެރިން ބޯޓަށް ނުނެގުމަށް ސްޕެއިންގެ މެރިޓައިމް ރެސްކިއު ކޯޑިނޭޓިން ސެންޓަރުން އަންގާފައިވާ ކަމަށެވެ. ރަޝިއާ ބޯޓުގެ ފަޅުވެރިން ނޯވޭގެ ބޯޓަށް ނުނެގީ އެހެންވެ ކަމަށް އެކުންފުނިން ބުނި ކަމަށް ރިޕޯޓްތައް ބުނެއެވެ.
16 ފަޅުވެރިންނާއެކު ދަތުރުކުރި ރަޝިއާގެ ބޯޓު އަޑިއަށް ދިޔައީ އިންޖީންރޫމްގައި ގޮވި ގޮވުމަކުންނެވެ. ކަނޑުވި މީހުންގެ ތެެތެއިން 14 މީހުން ސްޕެއިނަށް ގެންގޮސްފައިވާއިރު 2 މީހުން ވަނީ ގެއްލިފައެވެ.









