މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ރިކޯޑް ޢަދަދަކަށް މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުނި ނުނެގި ހުރި ސަރަޙައްދުތަކުން މިއަދު ހެނދުނުން ފެށިގެން ކުނި ނަގަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން ބުނީ، އިއްޔެ ހެނދުނުން ފެށިގެން މާލެއަށް ވެހުނު ބޯ ވާރޭގެ ސަބަބުން މުޅި މާލެ އޮތީ ފެނު އަޑީގައި ކަމަށް ވުމާއި އެކު މީގެ ސަބަބުން ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ، ބައެއް މަގުތައް ބަންދުކުރަން ޖެހުނުކަމަށެވެ. އޭގެ ސަބަބުން ބައެއް ގޭބިސީތަކުންނާއި ވިޔަފާރިތަކުން ކުނި ނެގުމުގައި ދަތިތަކާ ކުރިމަތިވި ކަމަށް ވެމްކޯއިން ބުންޏެވެ.
އިއްޔެ ޚިދުމަތް ނުދެވި ހުރި ގޭބިސީތަކާއި ފިހާރަ އަދި ކެފޭ ރެސްޓޯރަންޓުތަކުން މިއަދު ހެނދުނު 9:00 އިން ފެށިގެން ކުނި ނަގަމުން ދާކަމަށާއި ވީހާވެސް އަވަހަކަށް ހުރިހާ ސަރަޙައްދަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ މި ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއެކު ތިބެ، ކުނި ނެގުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ. އަދި ކުނި ނެގުމުގައި އެއްވެސް މައްސަލައެއް ދިމާވާނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައި އެކަން އެންގުމަށް ވެސް ވެމްކޯއިން އެދިފައިވެއެވެ.
މި ވިއްސާރައިގައި މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްރަށަށް ވެސް ވަނީ އެކި ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އިއްޔެ ވެހުނު ވާރެއާ ގުޅިގެން މާލެއިން 30،000 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވި 226 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.









