ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް އާ އަހަރު ފާހަގަ ކުރުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
އެގޮތުން މި ފަހަރު ރާއްޖެ ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ފާހަގަ ކޮށްލެވޭ ބައެއް ތަރިންނަކީ ޝާހިދު ކަޕޫރު އާއި އޭނާގެ އަނބިކަނބަލުން މީރާ ކަޕޫރާއި އެ ދެމަފިރިންގެ ދެ ދަރިންނާއި، އަދި ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިކަލުން ވިކީ ކޯޝަލްއެވެ.
ރާއްޖެއަކީ ބޮލީވުޑްގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރުމަށާއި މުހިންމު ދުވަސްތައް ފާހަގަކުރުމަށް އިޚްތިޔާރުކުރާ މަންޒިލެއްކަން ފާހަގަކުރެވެއެވެ.
ކެޓްރީނާ ކައިފް ވަނީ އިއްޔެ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ދަތުރުގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރި މި ޕޯސްޓުގައި، އެމީހުން ތިބި ތަނެއް ޓެގުކޮށްފައެއް ނުވެއެވެ.
ޝާހިދު ކަޕޫރުގެ އާއިލާ މިހާރު ތިބީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގައެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޝާހިދު އާއި މީރާ އާއި އެ ދެމަފިރިންގެ ދަރިން ކަމަށްވާ މީޝާ އާއި ޒައިން ވަނީ 2021 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. އެ ފަހަރު އެ އާއިލާ ތިބީ ބ. އަތޮޅުގައި އޮންނަ ސޮނެވާ ރިސޯޓުގެ އަގުބޮޑު ވޯޓަރ ވިލާއެއްގައެވެ.
މި ދަތުރުގައި ބޮލީވުޑްގެ މި މަޝްހޫރު ތަރިން ރާއްޖޭގައި ހޭދަކުރާނެ މުއްދަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އާ އަހަރުގެ ފުރަތަމަ ދުވަސްތައް ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށުގައި ހޭދަކުރުމަށް އެމީހުން ނިންމި ނިންމުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.









