ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު އާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެންނެވީ، އިންޑިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށެވެ. އަދި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމުގެ ރައްޔިތުންގެ ލާބައަށް، އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ދިވެހި ސަރުކާރުގެ އިސް ފަރާތަކުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.