ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ދޭވާ" ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ދައްކާލައިފިއެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
"ދޭވާ" އަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް، ރޯޝަން އެންޑްރޫސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރޯޝަން އަކީ ކާމިޔާބު މަލަޔާޅަމް ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން ކޮމެޑީ ޑްރާމާ "ސަޓަޑޭ ނައިޓް" އެވެ. "ދޭވާ" އަކީ ރޯޝަންގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.
މި ފިލްމުގައި ޝާހިދާއެކު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޑޭއެވެ. މީގެ އިތުރުން "ދޭވާ" ގެ ކާސްޓުންގެ ތެރޭގައި ކުބްރާ ސައިތު، ޕަވައިލް ގްލާޓީ އަދި ޕްރަވޭޝް ރާނާ ހިމެނެއެވެ.
ޝާހިދު ކަޕޫރުގެ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ. މިހާރު އޭނާ އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އައު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.









