ޑޮކްޓަރުކަން ކިޔެވުމަށް ބަންގްލަދޭޝް އިން ލިބިފައިވާ ހަތް ސްކޮލަރޝިޕަކަށް ކުރިމަތިލާން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިޢުލާނެއްގައި ބުނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ ހަ ސްކޮލަރޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަރޝިޕްގެ ދަށުން ބަންގުލަދޭޝްގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ސާކްގެ ޤައުމުތަކަށް ހުޅުވާލި ސްކޮލަރޝިޕް ޕްރޮގްރާމެއްގެ ތެރެއިން ލިބުނު ފުރުޞަތުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން ޝައުޤުވެރިވާ މީހުންނަށް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް، 2021 ގައި ނުވަތަ އޭގެ ފަހުން ކެމިސްޓްރީ، ބަޔޮލޮޖީ، އަދި ފިޒިކްސް ހިމެނޭ ގޮތަށް ފާސްވެފައިވުމާއި އޭ ލެވެލް ތިން މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް، 2023/2024 ގައި ކެމިސްޓްރީ، ބަޔޮލޮޖީ، އަދި ފިޒިކްސް ހިމެނޭ ގޮތަށް ފާސްވެފައިވުމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އާއި އެތަނުގެ ހޮޓްލައިން 1474 އަދި އީމެއިލް schol@mohe.gov.mv މެދުވެރިކޮށް ވެސް ހޯދޭނެ ކަމަށް އެ އިޢުލާނުގައި ބުންޏެވެ.









