ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން މިއަދުން ފެށިގެން ފަށައިފިއެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިކޮށްދޭނެ އެއްބަސްވުމެކެވެ.
2014 ވަނަ އަހަރު ޗައިނާއާއެކު ސޮއިކުރެވުނު މި އެއްބަސްވުމަށް އަމަލުކުރަން ރަސްމީކޮށް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައެވެ. މި އެއްބަސްވުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ އެއްބަސްވުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ.
އެގޮތުން، މި އެއްބަސްވުމުގެ ދަށުން ދިވެހި މަސްވެރިންނަށް ޑިއުޓީއެއް ދައްކަން ނުޖެހި މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އުފައްދާ އެހެނިހެން މުދާ ވެސް ޗައިނާގެ މާކެޓަށް ފޮނުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ އިތުރުވެ، އުފެއްދުންތެރިކަމާއި ޕްރޮސެސިންގ ދާއިރާ ފުޅާވެގެންދާނެއެވެ.
އެއްބަސްވުމުގެ އަނެއް މުހިންމު ނުކުތާއަކީ ދިވެހި ޚިދުމަތްދޭ ފަރާތްތަކަށް ޗައިނާގެ މާކެޓަށް ވަދެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދިއުމެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށާއި ދިވެހި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ދިވެހި ވިޔަފާރިވެރިންނަށް ވެސް މި އެއްބަސްވުމުން ބޮޑެތި ފައިދާތަކެއް ލިބޭނެއެވެ. ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ މަޢާފުކުރެވޭނެތީ، އެފަދަ މުދަލުގެ އަގު ހެޔޮވެ ވިޔަފާރި އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ވިޔަފާރީގެ ޚަރަދުތައް ކުޑަވެ، ވިޔަފާރިއަށް ފަސޭހަ މާހައުލެއް ޤާއިމްވެގެންދާނެކަމަށް ސަރުކާރުން ބުންޏެވެ.
ޗައިނާއަކީ 1.41 ބިލިއަނަށްވުރެ ގިނަ އާބާދީއެއް އޮތް، 707 މިލިއަނާއި ގާތްކުރާ އަދަދެއްގެ މެދު ފަންތީގެ އާމްދަނީ ލިބޭ ބަޔަކު ދިރިއުޅޭ ޤައުމެކެވެ. މިފަދަ ބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ލިބުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.









