ކުރިއަށް އޮތް ފަސްވަރަކަށް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެންޑީއެމްއޭ އިން ނެރުނު ބަޔާނެެއްގައި ބުނީ، ވިއްސާރަވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ދުރާލައި މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެ އިދާރާއިން ދިން އިރުޝާދުތަކުގެ ތެރޭގައި ހިމެނެނީ؛
- ގެއަށް ފެން ނުވަންނާ ނެހެން ރައްކާތެރި ފިޔަވަޅު އެޅުން. (ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން).
- ބޭނުން ނުކުރާ ވަގުތެއް ނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރު ކުރާ މީހުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، މި ފެށޭ އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މާދަމާ ފަށާ އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރާމާ އެކު، ބޯކޮށް ވާރޭވެހި، ގަދަވަޔާ އެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހޭނީ އުތުރާއި އިރު އިތުރުން، އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. އެހެންވެ، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.









