ހަންގޭރީން ލިބިފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަޝިޕް 2025-2026"ގެ ނަމުގައި ޖުމްލަ 25 ފުރުސަތު ލިބިފައިވާ ކަމަށެވެ. މި ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ 8 ފުރުސަތާއި މާސްޓާސް ޑިގްރީގެ 14 ފުރުސަތު އަދި ތިން ޑޮކްޓަރަލް ޑިގްރީގެ ފުރުސަތެވެ.
މި ސްކޮލަޝިޕަށް ކޮންމެ އަހަރަކު ވެސް ހުޅުވާލައެވެ.
"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަޝިޕް 2025-2026"އަށް ހުށަހަޅާ މީހުންގެ ކިބާގައި އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ. އެއީ؛
- މިނިސްޓަރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާ ނަމަ އެ ލޯނު ގަވާއިދުން ދައްކާ ފަރާތެއް ކަމުގައިވުން
- އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުން
- އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދައުލަތުގެ ހަރަދުގައި ފުރިހަމަކުރަމުން އަންނަ ފަރާތެއްކަމުގައި ނުވުން.
މިނިސްޓްރީން ބުނީ މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ.
ސްކޮލަޝިޕަށް ހުށަހެޅުމަށް /https://myedu.egov.mv މެދުވެރިކޮށް އަދި ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށް ހުށަހޭނެ އެވެ.
މި ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް ވަނުމުން އަދި 1474 އަށް ގުޅުމުން ލިބޭނެ އެވެ.









