ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭ މަޢުހަދެއް ޤާއިމްކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ނިންމަވައިފިއެވެ.
މިއީ ޢަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސަޢުދީ ޢަރަބިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ނިންމެވުން ތަންފީޒު ކުރުމަށް، ރަސްގެފާނު ސަލްމާން ވަނީ ސަޢުދީގެ އެންމެ ބޮޑު ޔުނިވަރސިޓީ، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީއާ ހަވާލުކުރައްވާފައެވެ. އެ ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޤާއިމްކުރާ މަޢުހަދުގެ ޑިރެކްޓަރަކަށް ޑރ. ޞާލިޙް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއާ ގުޅިގެން އެ މަޢުހަދު ޤާއިމްކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.
އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ޑރ. އަޙްމަދު ބިން ސާލިމް އަލްއަމީރީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޤާއިމްކުރެވޭ މި މަޢުހަދަކީ ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަޤާފީ އަޚްލާޤު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނެ ފުރުޞަތެކެވެ.
ސަޢުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް ޢަބްދުﷲ އަލްއަޖަލީން އަލްދުސާރީ، ޑރ. ޞާލިޙް ބިން ސުލައިމާން އަލް އަރާޖާއާ ބައްދަލުކުރައްވައި، ރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭ މަޢުހަދެއް ޤާއިމްކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ވަނީ ރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދޭ މަޢުހަދެއް ޤާއިމްކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން ރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއެކު މަޝްވަރާވެސް ކުރައްވާފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ޔުނިވަރސިޓީއަކާ ގުޅިގެން، މިފަދަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޢަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.









