ހިޖުރީ އާ އަހަރަށް ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

އަައިޝަތު ޒީނާ | 6 ގަޑިއިރު ކުރިން - 26 ޖޫން 2025 15:32
ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކުރުން. / ފޮޓޯ: ސަޢުދީ ގެޒެޓް
ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކުރުން. / ފޮޓޯ: ސަޢުދީ ގެޒެޓް
ޚުލާސާ

އާ ކިސްވާ އުފައްދާފައިވަނީ ގުދުރަތީ ކަޅު ކުލަ ޖަހާފައިވާ ސިލްކް ބޭނުންކޮށްގެން ރަނާއި ރިހީގެ ރޮދިން. މުޅި އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުރޭ.

1447 ވަނަ އަހަރުގެ ހިޖުރީ އާ އަހަރު ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

އާ އުރަކޮޅު އުފެއްދީ މައްކާގެ އުއްމު އަލް ޖޫދު ޑިސްޓްރިކްޓްގެ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސްގައެވެ. މި އުރަކޮޅު ހަދާފައިވަނީ ގާތްގަނޑަކަށް 11 މަސްދުވަހުގެ މަސައްކަތުންނެވެ.

އާ ކިސްވާ އުފައްދާފައިވަނީ ގުދުރަތީ ކަޅު ކުލަ ޖަހާފައިވާ ސިލްކް ބޭނުންކޮށްގެން ރަނާއި ރިހީގެ ރޮދިންނެވެ. އުރަކޮޅު އުފެއްދުމަށް މިއަހަރު ބޭނުންކޮށްފައިވަނީ 120 ކިލޯގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮއްޖާއި، 60 ކިލޯގެ ސާފު ރިއްސާއި، 825 ކިލޯގެ ސިލްކް، އަދި 410 ކިލޯގެ ރޯ ކޮޓަންއެވެ.

މުޅި އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުރެއެވެ.

ދިގުމިނުގައި 6.35 މީޓަރު އަދި ފުޅާމިނުގައި 3.33 މީޓަރު ހުންނަ ކައުބާގެ ކުރީގެ އުރަކޮޅު އިއްޔެ ނަގާފައިވަނީ ޙަރަމްފުޅުގެ އޮފިޝަލުންނާއި މުވައްޒަފުންނެވެ. އާ އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ފެށެނީ ކުރީގެ އުރަކޮޅު ނަގާ ހިސާބުންނެވެ.

އުރަކޮޅު އާ ކުރުމުގެ ކަންތައްތައް ބެލެހެއްޓުމަށް ތަމުރީނު ލިބިފައިވާ ކުޅަދާނަ 154 ފަންނުވެރިން ވަނީ މަސައްކަތް ކޮށްފައެވެ.

އާ އުރަކޮޅުގައި އެމްބްރޮއިޑަރީއާ އެކު 47 ކަޅު ސިލްކް ޕެނަލްއާއި 24 ކެރެޓްގެ ރަނުން ގިރިޓީކޮށްފައިވާ ރިހި ރޮދި ބޭނުންކޮށްގެން ކީރިތި ގުރުއާންގެ 68 އާޔަތް ލިޔެފައިވެއެވެ.

ގެފުޅުގެ އުރަކޮޅު ވިޔަނީ އެކަމަށް ހަދާފައިވާ ފެކްޓްރީއެއްގައި އެކަމަށް، ޚާއްޞަކޮށް އުފައްދާފައިވާ މެޝިނަކުންނެވެ. މި މެޝިނުގެ ދިގުމިނުގައި 16 މީޓަރު ހުންނައިރު، މިއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ވިޔާ މެޝިން ކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ގެފުޅުގެ އުރަކޮޅު ކޮންމެ އަހަރަކު ވެސް ބަދަލުކުރަމުން އައީ ޙައްޖު މޫސުމަށެވެ. ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުން ނިންމައިގެން، 2022 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަނީ ހިޖުރީ އާ އަހަރާ ގުޅުވައިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%