ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ކްރެޑިޓް ކާޑަކަށް ފައިސާ ދެއްކުމަށް އިތުރު ހުކުމެއް ކޮށްފިއެވެ. މި ހުކުމް ކުރެވުނީ ކުރިން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްއާރުއެމްގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ޝިމާޒްގެ މައްޗަށް އެންމެ ފުރަތަމަ ހުކުމް ކުރެވުނީ 2020 ވަނަ އަހަރުއެވެ. އޭރު ހުކުމް ކުރެވުނީ ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސްގެ ގޯލްޑް ކާޑަކަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.
ފުރަތަމަ ހުކުމް ކުރެވުނުއިރު ޝިމާޒް ދައްކަންޖެހުނީ ބައިލައްކަ ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ. ނަމަވެސް، އެ ފައިސާ ނުދައްކައި އޮތުމުގެ ސަބަބުން އިންޓަރެސްޓާއެކު މިހާރު އެ އަދަދު ވަނީ ދެލައްކަ ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.
ސިވިލް ކޯޓުން މި ހަފްތާގައި ކުރި، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ބޭންކުން ވަނީ އެ ފައިސާ ދެއްކުމަށް ޝިމާޒަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދީފައެވެ. އެންމެ ފަހުން ކުރެވުނު ހުކުމުގައި ޝިމާޒަށް އަންގާފައިވަނީ އަހަރެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުވެސް ކުރެވުނެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ ޢަމަލުތަކެއް ހިމެނެއެވެ. މި ތުހުމަތުތަކާއި ގުޅިގެން އޭނާ ފަހުން ބަދަލުކުރެވުނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށެވެ. ކުރިން ނޫސްވެރިކަންވެސް ކުރެއްވި ޝިމާޒު ވަނީ އޭނާގެ މައްޗަށް އޭރު ކުރެވުނު ތުހުމަތުތައް ދޮގުކުރައްވާފައެވެ.









