އިތިއޯޕިއާގެ ދެކުނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އިތިއޯޕިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އީބީސީ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ބޮނާ ޑިސްޓްރިކްޓުގައެވެ.
ދެކުނު ސިދާމާ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހާދިސާގައި ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ޓްރަކު ކޯރަކަށް ވެއްޓި 71 މީހުން މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 68 ފިރިހެނުންނާއި 3 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، ސީރިއަސް ހާލުގައި 5 މީހަކަށް ފަރުވާދެމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
އީބީސީ އިން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގިއިރު ފަސިންޖަރުން ދަތުރުކުރަމުން ދިޔައީ ކައިވެނީގެ ހަފްލާއަކަށެވެ. އަދި އެމީހުން ދަތުރުކުރަމުން ދިޔައީ ޓްރަކެއްގައެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބަކީ، ބްރިޖަކަށް އަރަން އުޅުމުގެ ތެރޭގައި ބްރިޖުން ނެއްޓިގެން ކަމަށް ވެއެވެ.
އިތިއޯޕިއާގައި މިފަދަ އެކްސިޑެންޓުތައް ހިނގުން ވަނީ އާންމުވެފައެވެ. މިގޮތުން 2018 ވަނަ އަހަރު އެ ޤައުމުގެ ފަރުބަދަމަތީ އުތުރުގައި ބަހެއް ވަޅުގަނޑަކަށް ވެއްޓި 38 މީހުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.









