ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން އެއާ ޝޯއެއް ބާއްވަން ނިންމައިފިއެވެ. މި އެއާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 17:00 ގައި ކަމަށް މޯލްޑިވިއަންއިން ހާމަކުރިއެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި މި އެއާ ޝޯ ކުރިއަށްދާނީ މާލެ އުސްފަސްގަނޑު ސަރަހައްދާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް 2ގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައެވެ. ޖުމްލަ 30 މިނެޓަށް ކުރިއަށްދާ މި ހަރަކާތް ބާއްވަނީ، މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެންނަ އެއާބަސް އޭ330 މަރުކާގެ ބޮޑު މަތިންދާ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ކަމަށް އެ އެއަރލައިން އިން ބުންޏެވެ.
އެއާބަސް އޭ330 މަރުކާގެ މި ބޯޓަކީ މޯލްޑިވިއަންގެ ފްލީޓާ މުޅިން އަލަށް ގުޅޭ މަރުކާއެކެވެ. މި މަރުކާގެ ބޯޓުތަކުގައި 247 އާއި 277 އާ ދެމެދުގެ މިންވަރަކަށް މީހުން އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ. މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި މި ބޯޓު ބޭނުން ކުރާނީ އެ އެއާލައިނުން ކުރާ ބައިނަލްއަގްވާމީ ދަތުރުތަކުގައެވެ.
މި އެއާ ޝޯ ބަލާލުމަށް މޯލްޑިވިއަންއިން ވަނީ އާންމު ރައްޔިތުންނަށް ހުޅުވާލައި ދައުވަތު އަރުވާފައެވެ.









