މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށި، ދެވަނަ ކްރޫޒް ލައިނާވެސް މާލޭގައި ބަނދަރުކޮށްފިއެވެ. މިގޮތުން ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ 'އެމްއެސް ނޯވެޖިއަން ސްކައި' އަދި މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 'އެމްއެސް ރިވިއޭރާ' މާލޭގައި ވަނީ ބަނދަރުކޮށްފައެވެ.
'އެމްއެސް ނޮވެޖިއަން ސްކައި' އިން 1،872 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު، މި ބޯޓު މިރޭ މާލެއިން ފުރާނެއެވެ. މިއީ މި ސީޒަނުގައި ރާއްޖެ އައި ދެވަނަ ކްރޫޒް ލައިނާއެވެ. 'އެމްއެސް ނޮވެޖިއަން ސްކައި' ރާއްޖެ އައިސްފައިވަނީ ސީޝެލްސްގައި ބަނދަރު ކުރުމަށްފަހުއެވެ.
ޖުމްލަ 2004 މީހުންގެ ޖާގައިގެ 'އެމްއެސް ރިވިއޭރާ' އިންވެސް އެތައް ސަތޭކަ ފަތުރުވެރިންނެއް މާލެ ފައިބާފައިވެއެވެ. މި ކްރޫޒް ލައިނާ މާލެއިން ފުރަން ތާވަލުކޮށްފައިވަނީ މާދަމާއެވެ. 'އެމްއެސް ރިވިއޭރާ' ވެސް ރާއްޖެ އައިސްފައިވަނީ ސީޝެލްސްގައި ބަނދަރުކުރުމަށް ފަހުއެވެ.
މި އަހަރުގެ މި ސީޒަންގައި ދެ ކްރޫޒް ލައިނާއަކުން އެތައް ސަތޭކަ ފަތުރުވެރިންނެއް ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގެ މި އަހަރުގެ ލަނޑުދަނޑި ކަމަށްވާ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ މިދިޔަ ހަފްތާގައި ހާސިލުކޮށްފައެވެ.
ކްރޫޒް ލައިނާތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ އައިސްފައިވާއިރު، މި އަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އައި ޖެޓުތަކުގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %8 އިތުރުވެފައިކަން ފާހަގަކުރެވެއެވެ.









