އައު އަހަރާ ދިމާކޮށް، މާދަމާއިން ފެށިގެން ރާއްޖޭގެ ދެ މައި ބޭންކު ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަންދުވާނެ ކަމަށް އެ ދެ ބޭންކުން މިއަދު އިޢުލާނުކޮށްފިއެވެ.
ބީއެމްއެލް އާއި އެމްއައިބީން މަޢުލޫމާތު ދިންގޮތުގައި، ބޭންކުތައް ބަންދުވާނީ 31 ޑިސެމްބަރު 2024 އިން ފެށިގެންނެވެ. އަދި ދެން ހުޅުވޭނީ 5 ޖަނަވަރީ 2025 ގައިކަމަށް ބޭންކުތަކުން ހާމަކުރިއެވެ. މި ސަބަބަށްޓަކައި، ބޭންކުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން، ބަންދުވުމުގެ ކުރިން ދުރާލާ އެ ޚިދުމަތްތައް ހޯދުމަށް ދެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ބީއެމްއެލްއިން ހާމަކުރިގޮތުގައި، ބޭންކު ބަންދުވާ ދުވަސްތަކުގައިވެސް އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ޚިދުމަތާއި، ސެލްފް ސަރވިސް އޭޓީއެމްތަކާއި، އަދި ކަސްޓަމަރ ސަޕޯޓް ސަރވިސްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެއެވެ.
ހަމައެހެންމެ، އެމްއައިބީން ވެސް ބުނެފައިވަނީ ބޭންކު ބަންދުވާ ދުވަސްތަކުގައި އީ-ބޭންކިންގ އާއި، އޭޓީއެމްގެ އިތުރުން ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމަށެވެ.