ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ދިން މައްސަލާގައި ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ބިންވެރިޔާ ސްކީމްގެ މައްސަލާގެ ތަހުގީގާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން މަނާކުރި ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްއާ މަޝްވަރާކުރުމުން ދެއްވި ލަފާގެ މަތިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުރުން މަނާކުރުމުގެ އަމުރު ބާތިލުކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ޕާސްޕޯޓު ދޫކޮށްލީ ސީދާ ކޮން ބައެއްގެ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
ބިންވެރިޔާ ސްކީމްއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އެމީހުންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ވަނީ ބިންވެރިޔާ ސްކީމްގެ 50 ގޯއްޗެއް ވިއްކި ކަމުގެ ތުހުމަތުކޮށްފަ އެވެ.
ގޯތިތަކުގެ މައްސަލަ ފެންމަތިވި ފަހުން، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެކި މައްސަލަތަކުގައި އެޗްޑީސީން 15 މީހަކު މިދިޔަ ހަފުތާގައި ވަކިކުރި އެވެ. އެކަމަކު، އޭގެ ދެތިން ދުވަސް ފަހުން ވަނީ އެ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ފަހު ސަސްޕެންޑުކޮށްފަ އެވެ.









