ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ކ. ގުރައިދޫގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން "ފައްޓަމާ: އާއިލީ ހަވީރު" ގެ ނަމުގައި ޚާއްޞަ ޙަފްލާއެއް އިއްޔެ ވަނީ ބާއްވާފައެވެ. މި ޙަފްލާގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީގެ މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ގުރައިދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރަށުގެ ރައްޔިތުން މި ޚިދުމަތް ބޭނުންކުރުމުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި ވަނީ ވެމްކޯގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ރަށުގެ ކުނި މެނޭޖްކުރުމުގެ މުހިންމުކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ކިޔައިދީފައެވެ.
ވެމްކޯއިން މިހާރު މާލެ ސަރަޙައްދުގެ އިތުރުން ސިޓީތަކާއި ލ. ފޮނަދޫ، ލ. ގަން، ކ. މާފުށި އަދި ކ. ހިންމަފުށީގައިވެސް ޚިދުމަތް ދެމުން ގެންދެއެވެ.
މި ޚިދުމަތް ފެށުމުން ގުރައިދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ސާފުތާހިރުކަން އިތުރުވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެމްކޯއިން ފާހަގަކުރިއެވެ.









